Thursday, March 7, 2013

ސްކޫލް ސެލްފް އިވެލުއޭޝަން ވޯކްޝޮޕް ނިމެއްޖެ


ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިމާރޗް މަހުގެ 3- 5 އަށް ހިންގި ސްކޫލް ސެލްފް އިވެލުއޭޝަން ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޖަމްޢިއްޔާ އާއި ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގި ޥޯކްޝޮޕެކެވެ. މި ވޯކްޝޮޕުގެ މައިގަޑު މަޤުޞަދަކީ ބެލެނިވެރިންނާއި މުދައްރިސުންނާއި ގުޅިގެން ސްކޫލް ކުރިޔަށް ގެންދިޔުމަށްޓަކައި ކަންތައް ކުރާނެ ގޮތްތަކެއް ބެލެނިވެރިންނަށް އަންގައިދިނުމެވެ. މިގޮތުން ސްކޫލް ސެލްފް އިވެލުއޭޝަނަކީ ކޮބައިކަމާއި ސްކޫލެއް އިވެލުއޭޓް ކުރުމުގައި ބެލެނިވެރިންގެ ދަޢުރަކީ ކޮބައިކަން މިވޯކްޝޮޕުގައި އަންގައިދެވިފައިވާނެއެވެ. މިފަދަ ކަންކަމަށް ބެލެނިވެރިން އަހުލު ވެރިކުރުވުމުގެ ގޮތުން 2013 ވަނަ އަހަރުގެ ފުރަތަމަ ބޭއްވުނު މިވޯކްޝޮޕުގައި މުޅިޖުމްލަ 48 ބެލެނިވެރިން ބައިވެރިވެ ވޯކްޝޮޕު ފުރިހަމަ ކޮށްފައިވެއެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. ބެލެނިވެރިންނަކީވެސް ސްކޫލުގައި ހިނގާ ކޮންމެ ކަމެއްގައި އެހީތެރިވެ، އެއްބާރުލުން ދީ ކަންކަމަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި ސްކޫލު ކުރިޔަށް ގެންދިޔުމުގައި ބެލެނިވެރިންގެ ހިއްސާ ވަރަށް ބޮޑުކަމަށް މިވޯކްޝޮޕުގައި ވާހަކަދެކެވުނެވެ. މީގެ އިތުރުން މިވޯކްޝޮޕުގައި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތްތައް ބެލެނިވެރިންނާއި ހިއްސާ ކުރެވުނެވެ.