Friday, February 1, 2013

މިއަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގެ ދުވަސް ފާހަގަ ކޮށްފި


PD in Eydhafushi
2013 ވަނަ އަހަރުގެ ފުރަތަމަ ޕްރޮފެޝަނަލް ހަރަކާތްތަކުގެ ދުވަސް ނިމެއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް 3 ދުވަސް  ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ގެ ގޮތުގައި އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައިވެއެވެ. މިއީ މުދައްރިސުން ތާޒާ ކުރުމާއި ސްކޫލުތަކުގައި އެސްކޫލަކުން ލިބެންހުންނަ ވަޞީލަތްތައް ބޭނުންކޮށްގެން މުދައްރިސުންގެ ކުރިއެރުވުމަށް ކަންތައްތަކެއް ކުރުމުގެ މަޤުޞަދުގައި ހިންގާ ޙަރަކާތް ތަކެކެވެ. މިއަހަރުގެ ފުރަތަމަ ޕީ.ޑީ ދުވަހަކީ 31 ޖެނުއަރީ 2013 އެވެ. މިހަރަކާތްތައް މި ދުވަހު ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ކަނޑަ އަޅާފައި ވީނަމަވެސް ތަފާތު ސަބަބު ތަކާއި ހުރެ މި އަތޮޅުގެ ބައެއް ސްކޫލުތަކުގައި މިދުވަސް ވަނީ އެހެންދުވަހަކަށް ލަސްކޮށްފައެވެ. މި ދުވަސްތައް ކާމިޔާބީ ކަމާއި އެކު ފުރިހަމަ ކުރެވެނީ އަތޮޅުތަކުގެ ސްކޫލުތަކުގައި ތިއްބެވި ހީވާގި ޕީ ޑީ ކޯޑިނޭޓަރުންގެ މިންނެތް މަސައްކަތުންނާއި ސްކޫލު މެނޭޖްމަންޓުގެ އެއްބާރުލުމާއި މުދައްރިސުން މިކަމަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުންނެވެ.

އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެ

ބ. ތުޅާދޫ ސްކޫލުގައި މިޖެނުއަރީ މަހުގެ 8- 10 އަށް ހިންގި އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ 2013 ވަނަ އަހަރުގެ ފެށޭއިރު ތުޅާދޫ ސްކޫލްގެ 9 ކްލާސްރޫމެއްގައި އައި. ސީ. ޓީ ގެ ހިދުމަތް ލިބެމުންދާތީވެ، އެކަމަށް މުދައްރިސުން އަހުލު ވެރިކުރުވުމުގެ ގޮތުން ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހުގެ ކުރިން އައި ސީ ޓީ އަށް ސްކޫލުގެ އެންމެހާ މުދައްރިސުން އަހުލު ވެރިކުރުވުމަށްޓަކައި ބ. ތުޅާދޫ ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ބޭއްވުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މުދައްރިސުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ. މީގެ އިތުރުން މިވޯކްޝޮޕުގައި އައި ސީ ޓީ ބޭނުންކޮށްގެން ކިޔަވައިދިމުގެ ފައިދާ އާއި ހުރި ދަތިތަކުގެ މައްޗަށް ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލު ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން  އައި. ސީ. ޓީ ބޭނުންކޮށްގެން ފިލާވަޅު ގެންދިޔމަށްޓަކައި ޓީޗިން ރިސޯސް ވެސް ތައްޔާރު ކުރެވިފައިވެއެވެ.
މި ވޯކްޝޮޕްގައި ބ. ތުޅާދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 54 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.