Thursday, February 6, 2014

މިއަހަރުގެ ދެވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް ނިމިއްޖެ

ބ. ކިހާދޫ ސްކޫލުގައި ފެބްރުއަރީ މަހުގެ 2- 4 އަށް ހިންގި މިއަހަރުގެ ދެވަނަ މޮނިޓަރިންގ އެންޑް އެސިސްޓަންސް ވިޒިޓް ނިމިއްޖެއެވެ. މިއީ 2014 ވަނަ އަހަރު ބ. އަތޮޅުގެ ސްކޫލުތަކަށް ޕްރޮފެޝަނަލް އެހީތެރިކަން ދިނުމުގެ ގޮތުން ކުރެވުނު ދެވަނަ ދަތުރެވެ. މި ޕރޮގްރާމުގައި ބެލެނިވެރިންނަށް 2 ގަޑިއިރުގެ 2 ސެޝަން ނަގައި ދެވިފައިވެއެވެ. އަދި މީގެ އިތުރުން ކްލާސް އޮބްޒާވްކޮށް އެންމެ ފުރިހަމަ ގޮތުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.  ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްވެސް ހިމެނޭގޮތަށް  ބ. ކިހާދޫ ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ހިންގުނު މި ޕްރޮގްރާމުގައި ސެޝަންތައް ނަގައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ.
މި ވޯކްޝޮޕްގައި ބ. ކިހާދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 26 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. ޖުމްލަ 8 ގަޑިއިރަށް ކުރިޔަށް ދިޔަ މި ޕްރޮގުރާމްގެ ސެޝަންތައް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.

އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެ

ބ. ކަމަދޫ ސްކޫލުގައި ޖެނުއަރީ މަހުގެ 27- 29 އަށް ހިންގި އައި. ސީ. ޓީ ވޯކްޝޮޕް ނިމެއްޖެއެވެ. މިއީ 2014 ވަނަ އަހަރުގެ ފެށޭއިރު ބ. ކަމަދޫ ސްކޫލްގެ 4 ކްލާސްރޫމެއްގައި އައި. ސީ. ޓީ ގެ ހިދުމަތް ލިބެމުންދާތީވެ، އެކަމަށް މުދައްރިސުން އަހުލު ވެރިކުރުވުމުގެ ގޮތުން ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްވެސް ހިމެނޭގޮތަށް ބ. ކަމަދޫ ސްކޫލާއި ބ. ޓީ. އާރު ސީ އާއި ގުޅިގެން ބޭއްވުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފެވެ. މުދައްރިސުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އެތަކެތި ބޭނުން ކުރަން އެނގުމަކީ މިވޯކްޝޮޕުގެ މައިގަޑު މަޤުޞަދެވެ. މީގެ އިތުރުން މިވޯކްޝޮޕުގައި އައި ސީ ޓީ ބޭނުންކޮށްގެން ކިޔަވައިދިމުގެ ފައިދާ އާއި ހުރި ދަތިތަކުގެ މައްޗަށް ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލު ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން އައި. ސީ. ޓީ ބޭނުންކޮށްގެން ފިލާވަޅު ގެންދިޔމަށްޓަކައި ޓީޗިން ރިސޯސް ވެސް ތައްޔާރު ކުރެވިފައިވެއެވެ. މި ވޯކްޝޮޕްގައި ބ. ކަމަދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ. މިގޮތުން ޖުމުލަ 18 މުދައްރިސުން މި ވޯކްޝޮޕުގެ ހުރިހާ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. ޖުމްލަ 8 ގަޑިއިރަށް ކުރިޔަށް ދިޔަ މި ޕްރޮގުރާމްގެ ސެޝަންތައް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.