Sunday, February 27, 2011

މިއަހަރުގެ ޕީ.ޑީ ދުވަސް ބ.އަތޮޅު ކެންދޫގައި ފާހަގަ ކޮށްފި

މިއަހަރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ 1 ، 24 ފެބްރުއަރީ 2011 ގައި މިއަތޮޅު ކެންދޫގައި ފާހަގަ ކޮށްފިއެވެ. ކެންދޫ ސްކޫލުގައި މިދުވަސް ފަހުން ފާހަގަ ކުރަން ޖެހުނީ އެސްކޫލުގައި މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު މިދުވަސް ފާހަގަ ނުކުރެވުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގައި މިސްކޫލުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ހަރަކާތްތައް ހިންގަވައި ދެއްވީ ބ. ޓީ.އާރު.ސީ ގެ ޓީޗަރ އެޑިޔުކޭޓަރ މުޙައްމަދު ޢާރިފެވެ. ޕީ.ޑީ ޕްރޮގްރާމްގައި ބޮޑަށް ގެންދެވިފައިވަނީ ކުދިންނާއި ރައްޓެހި މާހައުލަކަށް ސްކޫލު ހެދުމުގައި މުދައްރިސުންނާއި، މެނޭޖްމަންޓުގެ ދައުރުގެ މުހިއްމުކަން އޮޅުންފިލުވައި ދިނުމުގެ ޙަރަކާތް ތަކެވެ. އަދި ކުދިންނާއި ރައްޓެހި މާހައުލެއްގައި ކުލާސްތައް ގެންދާނެ ގޮތުގެ އިރުޝާދުވެސް ދެވުނެވެ. ކެންދޫގެ ޕްރީ ސުކޫލުގެ މުދައްރިސުންވެސް ބައިވެރިވެލެއްވި މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިން ބައިވެރި ވެލެއްވިއެވެ.