Tuesday, February 22, 2011

ކިޔަވައިދިނުމުގެ ހުނަރު އިތުރުކުރުމުގެގޮތުން ތުޅާދޫ ސްކޫލުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ބ. ތުޅާދޫ ސްކޫލުގެ ޕްރައިމަރީ އަދި މިޑްލް ސްކޫލްގެ މުދައްރިސުންނަށް އަމާޒުކޮށްގެން، ތުޅާދޫ ސްކޫލުގައި މިމަހުގެ 17- 19 އަށް ހިންގަން ހަމަޖެހިފައިވާ،  ކިޔަވައިދިނުމުގެ ހުނަރު އިތުރުކޮށް ތާޒާކުރުމުގެ މިވޯރކްޝޮޕް ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ވަނީ ފަށާފައެވެ. މި ވޯރކްޝޮޕުގައި ތުޅާދޫ ސްކޫލުގެ 26 މުދައްރިސުންނާއެކު ތުޅާދޫގެ ދެ ޕްރީސްކޫލުންވެސް މުދައްރިސުންވަނީ ބައިވެރިކޮށްފައެވެ. މިގޮތުން ކޮންމެ ޕްރީސްކޫލަކުންވެސް ބައިވެރިވެލައްވާފައިވަނީ 7 މުދައްރިސުންނެވެ.
ޖުމުލަ 40 މުދައްރިސުން ބައިވެރިވެލެއްވި މި ވޯރކްޝޮޕް، ފެސިލިޓޭޓްކޮށްދެއްވީ ބ. އަތޮޅު ޓީ. އާރު. ސީ ކޯޑިނޭޓަރ ޓީޗަރ އެޑިއުކޭޓަރ އަލްފާޟިލް މުޙައްމަދު އާރިފެވެ. މި ވޯރކްޝޮޕްގައި ބޮޑަށް ބާރުއަޅާފައިވަނީ ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުމުގެ މުހިއްމުކަމުގެ މައްޗަށެވެ.
މިވޯރކްޝޮޕުގެ މައިގަނޑު މަޤްޞަދަކީ، ބަދަލުވަމުންމިދާ ދުނިޔޭގައި ތަޢުލީމަށް އަންނަ ބަދަލުތަކަށާއި، ދިވެހިރާއްޖޭގައި އަލަށް ތަޢާރަފްވެފައިމިވާ ކުދިންނާއި ރައްޓެހި ބަރާބަރު ސްކޫލުގެ އިންޑިކޭޓަރސްތަކަށް މުދައްރިސުން އަހުލުވެރިކޮށް އެފަދަ މާހައުލެއްގައި އުނގަންނައިދިނުމުގެ ޤާބިލްކަން މުދައްރިސުންނަށް ހޯދައިދިނުމެވެ. އެފަދަ ބަޔަކަށް މުދައްރިސުން ހެދުމަށްޓަކާ މުދައްރިސުން ތާޒާކޮށް އިތުރު ތަމްރީނު ދިނުމެވެ. އަދި މީގެ އިތުރުން، ކުދިންނާރައްޓެހި މާހައުލެއްގައި، އުނގެނުމުގައި ބޮޑަށް ކުދިން ބައިވެރިކުރާނެ ތަފާތު ގޮތްތަކާއި އެގޮތް ތަކަށް ކުދިން އަހުލުވެރި ކުރާނެ ތަފާތު ހަރަކާތްތައް މި ވޯރކްޝޮޕްގައި ދަސްކޮށްދެވިފައިވެއެވެ. "ކޮންޓިނުއަސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު" ގެ ހަރަކާތްތަކަށް މުދައްރިސުން އަހުލުވެރިކުރުމަކީ ވެސް މި ވޯކްޝޮޕްގެ އެއް މަޤުޞަދެވެ. ވަރަށް ކައިރި މުސްތަޤުބަލެއްގައި މިވޯކްޝޮޕުގެ ދެވަނަ ފިޔަވަހިވެސް ފަށާނެކަމަށް ބ.ތުޅާދޫ ސްކޫލުން މަޢުލޫމާތު ދީފައިވެއެވެ.
= އަޙުމަދު މައުސޫމް =