މިހިނގާ ޖުލައިމަހުގެ 2 ވަނަ
ދުވަހު ބޫޓާންގެ 5ބޭފުޅުން ބ. ޓީޗަރ ރިސޯސް ސެންޓަރަށް ޒިޔާރަތް
ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޓީޗަރ ރިސޯސް ސެންޓަރުތައް ހިނގާ ގޮތާއި ބެހޭގޮތުން
މަޢުލޫމާތު ހޯދުމަށް މިކުރެއްވި ޒިޔާރަތުގައި ބޫޓާންގެ އެޑިޔުކޭޝަން މިނިސްޓްރީގެ
ބޭފުޅަކުވެސް ބައިވެރިވެލެއްވިއެވެ. މިގޮތުން ބ. ޓީޗަރ ރިސޯސް ސެންޓަރުގައި މިހާތަނަށް
ކުރެވުނު މަސައްކަތާއި، ދިމާވާ ދަތިތަކާއި އަދި ކުރިޔަށް ގެންދަން ކަނޑައަޅާފައި
ހުރި ޕްރޮގްރާމްތައް އެބޭފުޅުންނާއި ޙިއްސާ ކުރެވުނެވެ. ބޫޓާންގެ ތާރީޚާއި
ބޫޓާންގެ ތަޢުލީމީ ނިޒާމް ކުރިޔަށްދާގޮތާއި އަދި އެޤައުމުގެ ޓީޗަރ ރިސޯސް ސެންޓަރުތައް މަސައްކަތް ކުރާގޮތްތައްވެސް
މި ޒިޔާރަތުގައި އެބޭފުޅުން ޙިއްސާ
ކުރެއްވިއެވެ. ޖުމްލަ 4 ގަޑިއިރަށް ދެމިގެންދިޔަ މިޕްރޮގްރާމުގައި ބ. އަތޮޅު
ތަޢުލީމީ މަރުކަޒުގެ އެންމެހާ ވެރިންވެސް ބައިވެރިވެލެއްވިއެވެ.
Monday, July 15, 2013
ބ. ތުޅާދޫ ސްކޫލުގެ ތިންވަނަ ޕީ.ޑީ ވޯކްޝޮޕް ނިމެއްޖެ
މިއަހަރުގެ ތިންވަނަ ޕީ.ޑީ ދުވަސް 7 ޖުލައި 2013 ވީ
އާދިއްތަ ދުވަހު ބ. ތުޅާދު ސްކޫލުގައި ފާހަނގަކޮށްފިއެވެ.
މިއީ 2013 ވަނަ އަހަރުގެ ތިންވަނަ ޕްރޮފެސަނަލް
ޑިވެލޮޕްމަންޓް ދުވަހުގެ ގޮތުގައި ފާހަނގަ ކުރާ ދުވަސް 27 ޖޫން ގައި ފާހަނގަ ކުރެވެން ނެތުމުން
އެދުވަހުގެ ބަދަލުގައި ބ. ތުޅާދޫ ސްކޫލުގައި ފާހަނގަ ކުރި ދުވަހެކެވެ. މުދައްރިސުން
އާ ކަރިކިއުލަމަށް އަހުލު ވެރިކުރުވުމަށްޓަކައި މި ދުވަހުގެ ސެޝަންތަކުގައި އަލި
އަޅުވާލެވިފައިވެއެވެ. މި ގޮތުން އާ ކަރިކިއުލަމްގައި ކުދިންގެ ފެންވަރު
ދެނެގަންނާނެ ގޮތްތައް މުދައްރިސުންނަށް ފޯރުކޮށްދެވުނެވެ. މިގޮތުން "އެސެސްމެންޓް" ގެ
ބައިތަކާއި ވައްތަރުތައް އަދި މިހާރުން މިހާރަށް ކުލާސް ތަކުގައި ކުރެވިދާނެ
ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މި ވޯކްޝޮޕުގައި ކިޔަވައިދެއްވީ
ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު ޢާރިފާއި
އޮސްޓްރޭލިޔާގެ ވޮލަންޓިއަރ މިސް ޖެކްއަލިންގ ސްމޮލެޓެވެ. އާ ކަރިކިއުލަމް
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ފެށެން ވާއިރަށް، މުދައްރިސުންނަކީ ކަރިކިއުލަމަށް
އަހުލުވެރިވެ، ލޯހުޅުވިފައިތިބި ބަޔަކަށް ހެދުމާއި އާކަރިކިއުލަމްގެ ބައިތައް ބޭނުން
ކުރަން އެނގުމަކީ މިއަދުގެ ސެޝަންތަކުގެ މަޤުޞަދެވެ.
މި ވޯކްޝޮޕްގައި ބ. ތުޅާދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ޕްރީސްކޫލްގެ
މުދައްރިސުންބައިވެރިވެފައިވެއެވެ.މިގޮތުން ޖުމުލަ 54 މުދައްރިސުން މި
ވޯކްޝޮޕުގެ ގަޑިތަކަށް ޤަވައިދުން ޚާޟިރު ވެފައިވެއެވެ. މި ޕްރޮގުރާމް
ކުރިއަށް ގެންދެވިފައިވަނީ ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުން އެކުގައެވެ.
ގޮއިދޫ ސްކޫލުގެ މޮނިޓަރިންގ އެންޑް އެސިސްޓަންޓް ޕްރޮގްރާމް ނިމެއްޖެ
ބ. އަތޮޅު ގޮއިދޫ ސްކޫލުގައި މި ހިނގާ ޖޫން މަހުގެ 28 އިން
ޖުލައި 02 އަށް ކުރިޔަށްދިޔަ މޮނިޓަރިންގ އެންޑް އެސިސްޓަންޓް ޕރޮގްރާމް
ނިމެއްޖެއެވެ. ޖޫން މަހުގެ 30 ވީ އާދީއްތަ
ދުވަހުން ފެށިގެން ކުރިޔަށް ދިޔަ މި
ޕްރޮގްރާމްގައި އެއްދުވަސް އެސްކޫލުގެ
ތިންވަނަ ޕީ.ޑީ ދުވަހުގެ ގޮތުގައި ކުރިއަށް ގެންދެވިފައިވެއެވެ. ޕީ.ޑީ ސެޝަންތައް
ކުރިޔަށް ގެންދެވިފައިވަނީ ބ. ފުޅަދޫ ސްކޫލުގައެވެ. މި ޕްރޮގްރާމްގައި ބ. ގޮއިދޫ
ސްކޫލުގެ މުދައްރިސުންގެ ފިލާވަޅުތައް އޮބްޒާވްކޮށް ފީޑްބެކް ދެވިފައި ވެއެވެ.
އަދި މީގެ އިތުރުން ބެލެނިވެރިންނަށް، ސްކޫލުން
ކުރިޔަށް ގެންދާ އިނގިރޭސި ކުލާހުގެ ދެ ސެޝަން ނަންގަވައި ދެވުނެވެ. ސެޝަންތައް
ނަންގަވައިދެއްވީ ބ. ޓީ. ޢާރު ސީ ގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟީލް މުޙައްމަދު
ޢާރިފާއި އޮސްޓްރޭލިޔާގެ ވޮލަންޓިއަރ މިސް ޖެކްއަލިންގ ސްމޮލެޓެވެ. ބ. ގޮއިދޫ
ސްކޫލާއި ބ. ޓީޗަރ ރިސޯސް ސެންޓަރ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމުގައި ޖުމްލަ 20
މުދައްރިސުންނާއި 60 ބެލެނިވެރިން ބައިވެރި ވިއެވެ.
މިއަހަރުގެ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތައް ނިމެއްޖެ
2013 ވަނަ އަހަރުގެ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތައް މިއަތޮޅުގެ ސްކޫލުތަކުގައި
ކުރިޔަށް ގެންގޮސް ނިންމާލައިފިއެވެ. މިއަހަރުގެ މިހާތަނަށް ބ.އަތޮޅުގެ ހުރިހާ
ސްކޫލެއްގައިވެސް ވަނީ ދެ ޕީ.ޑީ ދުވަސް ފާހަނގަ ކޮށްފައެވެ. ތިންވަނަ ޕީ.ޑީ ދުވަސް
މިއަތޮޅުގެ 3 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް 27 ޖޫން ވީ ބްރާސްފަތި ދުވަހު
ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިއަހަރުގެ މިހާތަނަށް 15 ގަޑިއިރުގެ ޕީ.ޑީ
ހިންގިފައިވަނީ 11 ސްކޫލެއްގައެވެ.